ޞަމޫއީލް ފުރަތަމަ ފޮތް
ތަޢާރަފު
ފުރަތަމަ ޞަމޫއީލް ފޮތުގައި އެކުލެވެނީ ބަނީއިސްރާއީލުންގެ ވެރިކަން ގާޒީންގެ އަތްދަށުން ރަސްކަމަކަށް ބަދަލުވި ހާދިސާއެވެ. މި ހާދިސާތަކާ އެކު އިސްރާއީލުގެ ޤައުމިއްޔަތު އެނބުރެމުން އައިސްފައި ވަނީ ތިން މީހެއްގެ ވަށައިގެންނެވެ. އެއީ އެންމެ ފަހުގެ ގާޒީ ޞަމޫއީލްގެފާނާއި ފުރަތަމަ ރަސްގެފާނު ޝާއުލްގެފާނާއި ދާއޫދުގެފާނެވެ.
ޝާއުލްގެފާނަކީ އިސްރާއީލުގެ ފުރަތަމަ ރަސްގެފާނެވެ. އޭގެ ފަހުން ރަސްކަމަށް އިސްކުރެވުނީ ދާއޫދުގެފާނެވެ. ފުރަތަމަ ޢަހުދުނާމާގެ އެހެން ވެސް ތާރީޚީ ފޮތްތަކުން ދައްކާފައިވާ ގޮތުގައި ނަސްރުވެރިކަން ލިބުން އޮތީ މާތްރަސްކަލާނގެއަށް ވަފާތެރިކަންމަތީ ތިބޭ ބަޔަކަށް ކަން މިފޮތުން ވެސް ދައްކައިދެއެވެ. އަދި އެކަލާނގެ އަންގަވާ އެންގެވުންތަކާ ޚިލާފަށް ކަންތައް ކުރުމުން އެބައެއްގެ މައްޗަށް ގެއްލުމާއި ހަލާކު އަތުވެދާނެ ކަން ވެސް މިފޮތުގައި ހުރި ވާހަކަތަކުން ދައްކައިދެއެވެ.
މިކަމުގެ މިސާލެއް ޢައިލީއަށް މާތްރަސްކަލާނގެ އެންގެވި އެންގެވުންތަކުން ފެނިގެންދެއެވެ. އެކަލާނގެ އެކަލޭގެފާނަށް އެންގެވިއެވެ. ”ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. އެނޫން މީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.“
އިސްރާއީލުގައި ރަސްކަމެއް ގާއިމު ކުރުމާ މެދު ޚިޔާލު ތަފާތުވުންތަކެއް ހިނގިކަން މިފޮތުން ދައްކައިދެއެވެ. އިސްރާއީލުގެ ވެރިކަން ފުރަތަމަ އޮތީ މާތްރަސްކަލާނގެ ގުދުރަތްތެރި ކަމުގެ އަތްޕުޅުމަތީގައެވެ. އެކަމަކު ފަހުން އެ ރަސްކަން އެމީހުން އަމިއްލަ ކުރުމަށް ބޭނުންވީއެވެ.
އެމީހުން އެދުނު ފަދައިން މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދެއްވިއެވެ. އެހެންނަމަވެސް ފާހަގަ ކުރެވޭ މުހިންމު ކަމަކީ އެމީހުންގެ މައްޗަށް ވެސް އަދި ރަސްގެފާނުގެ މައްޗަށް ވެސް ބާރުވެރިވެ ވޮޑިގެން ވަނީ މާތްރަސްކަލާނގެ ކަމެވެ.
މާތްރަސްކަލާނގެ ހަޒްރަތުގައި މުއްސަނދިންނާއި ފަޤީރުން އަދި އެންމެހާ މީހުންނަކީ ހަމަހަމަ ބައެއްކަން މިފޮތުން ދައްކައިދެއެވެ.
ޞަމުއީލްގެފާނުގެ ގާޒީކަން (1‏:1‏—7‏:17)
ޝާއުލްގެފާނަށް ރަސްކަން ލިބުން (8‏:1‏—10‏:27)
ޝާއުލްގެފާނުގެ ރަސްކަން (11‏:1‏—15‏:35)
ދާއޫދުގެފާނާއި ޝާއުލްގެފާނު (16‏:1‏—30‏:31)
ޝާއުލްގެފާނު އަވަހާރަވުން (31‏:1‏-13)
ފުރަތަމަ ޞަމޫއީލް އާއި ދެވަނަ ޞަމޫއީލް އަކީ އެއް ފޮތެއްގެ ދެބައެވެ. އެއީ މި ދެފޮތް އެއް ކަރުދާހެއްގައި ނުލިޔެވޭތީ ދެބަޔަކަށް ބަހާލެވިފައި ވަނީ އެވެ. މި ދެފޮތުން ވެސް ދައްކައިދެނީ އިސްރާއީލުގައި އުޅުނު ފަނޑިޔާރުންނާއި ނަބީންގެ ޝަޚުސިއްޔަތެވެ.
ފުރަތަމަ ޞަމޫއީލް ނިމެނީ ޝާއުލްގެފާނު އަވަހާރަވާ ހިސާބުންނެވެ. އަދި ހަނގުރާމައިގައި އެކަލޭގެފާނުގެ ދަރިންތައް މަރުވެ ފިލިސްޠީނުން އިސްރާއީލުގެ މައްޗަށް ގަދަވެގަންނަ ހިސާބުން ވެސް މެއެވެ. އެހެނަސް މާތްރަސްކަލާނގެ ވަނީ އިސްރާއީލުގެ ވެރިކަމަށް ދާއޫދު ގެންނަވާނެ ކަމަށް ވަޢުދުފުޅުވެ ވޮޑިގެންފައެވެ. އެހެންކަމުން އެކަންތައް އެގޮތުގެ މަތިން ހިނގާނެވެސް މެއެވެ.