ލަމޫއީލްގެ މަންމަ ދަސްކޮށްދިން ކަންތައް
31
‏1 މައްސާގެ ރަސްގެފާނުގެ މަންމާފުޅު ދަސްކޮށް ދެއްވި ކަމަށް ލަމޫއީލް ވިދާޅުވެފައިވާ އިލާހީ ބަސްފުޅުތަކެއް ވެއެވެ.
‏2 ”އޭ ދަރިފުޅާއެވެ. އަހަރެންގެ ރަހިމުގެ ދަރިފުޅާއެވެ. އަހަރެންގެ ދުޢާތަކުގެ ދަރިފުޅާއެވެ.
‏3 ރަސްކަލުން ފަނާކޮށްލާ ފާހިޝް އަންހެނަކަށްޓަކައި ކަލޯގެ ހަކަތަ ހުސްކޮށް ނުލާށެވެ.
‏4 އޭ ލަމޫއީލް އެވެ. ރަސްކަލުން ރާފޮދު ހިއްޕަވާކަށް ނުވާނެއެވެ. ވެރިން ބަނގުރަލަށް އެދުންވެރި ވެގެން ނުވާނެއެވެ.
‏5 އެމީހުން ރާބުއިމުން ޤާނޫނު ހަނދާނެއް ނުހުރެއެވެ. މުހުތާދަށް ބޭނުންވެފައިވާ މީހާއާމެދު އިންސާފުން ކަންތަކެއް ނުކުރެވެއެވެ.
‏6 ރަލަކީ މަރުވާ މީހާއަށް ދޭން ހުންނަ އެއްޗެކެވެ. ބަނގުރަލަކީ ހިތްދަތިވެ ހާސްވާ މީހާއަށް ހުންނަ އެއްޗެކެވެ.
‏7 އެއީ އެމީހުންގެ ފަޤީރުކަމާއި ޖެހިފައިވާ ހާލުގެ މަތިން ހަނދާން ނެތުނަ ދިނުމަށެވެ.
‏8 އަމިއްލައަށް ބަސް ބުނަން ކުޅަދާނަކަން ނެތް މީހުންގެ މަތިން ބަސް ބުނެދޭށެވެ. އެހީތެރިކަމެއް ނެތް މީހުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭށެވެ.
‏9 އާނއެކެވެ. ފަޤީރު މީހާގެ ކޮޅަށް ވަކާލާތު ކޮށްދޭށެވެ. އެމީހުންނަށް އިންސާފު ހޯދާ ދޭށެވެ.“
ރަނގަޅު އަނތްބަކަށް ކުރެވޭ ތާރީފު
‏10 ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ.
‏11 އޭނާގެ ފިރިމީހާ އޭނާއަށް އިތުބާރު ކުރާނެއެވެ. އޭނާގެ ދިރިއުޅުން ތަނަވަސް ކޮށްދޭނެއެވެ.
‏12 އެ އަންހެނާގެ ކިބައިން ލިބޭނީ ހެޔޮކަމެވެ. ގެއްލުމެއް ނުލިބޭނެއެވެ. އެ އަންހެނާގެ މުޅި އުމުރު މިފަދައިން ކަން ކުރާނެއެވެ.
‏13 އޭނާ އަވަދިނެތި އުއިވަށައި ފޮތިވިޔެ ހަދާނެއެވެ.
‏14 އޭނާއަކީ ދުރުން ކާބޯތަކެތި ގެންނަ ނަވެއް ފަދައެވެ.
‏15 ފަތިހު ތެދުވެ ގޯތި އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެއެވެ. އަދި ޚާދިމާއިންނަށް ދުވަހުގެ މަސައްކަތް ދައްކާނެއެވެ.
‏16 ދަނޑުފަނގުތައް ބަލައި ބިން ގަންނާނެއެވެ. އޭނާ އެއްކޮށްފައި ހުންނަ ފައިސާއިން ގަސް އިންދައި ދަނޑު ހައްދާނެއެވެ.
‏17 އޭނާއަކީ ގައިގައި ވަރު ހުރި ގަދަފަދަ ބުރަ މަސައްކަތް ކުރާ އަންހެނެކެވެ.
‏18 އޭނާ ވިޔަފާރިކޮށް އެއިން ފައިދާ ހޯދާނެއެވެ. ރޭގަނޑުގެ ގިނަ އިރު އޭނާގެ ގޭގެ ބައްތި ދިއްލިފައި ހުންނާނެއެވެ.
‏19 އޭނާ ރޮދި އެޅުމުގައި އަވަދިނެތި އުޅޭނެއެވެ. އިނގިލިތަކުން ހުއްޓާނުލާ އުއި ވަށާނެއެވެ.
‏20 އޭނާ ފަޤީރުންނަށް އެހީވާނެއެވެ. ބޭނުން ޖެހޭ މީހުންނަށް ދީލަތި ވާނެއެވެ.
‏21 ފިނިމޫސުން އަތުވެދާނެތީ އޭނާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އޭނާ ގޭ އެންމެންނަށް ކެހެރި ފޭރާން ތައްޔާރުކޮށްފައި ހުންނާނެއެވެ.
‏22 އޭނާ އެނދުތަންމަތި ތައްޔާރު ކުރާނެއެވެ. ލާނީ ރީތި ފަށުވި ލިބާހެވެ. ބޭރުން އަޅާނީ ދަނބުކުލައިގެ ފޭރާމެކެވެ.
‏23 އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ. އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ.
‏24 އެއަންހެނާ މޮޅު ފޮތި ވިޔެ ކަމަރާއި ފައްޓާއާއި ހެދުން ތައްޔާރުކޮށް ވިއްކާނެއެވެ.
‏25 އޭނާގެ ކިބައިގައި ހުންނާނީ އަބުރާއި އިއްޒަތުގެ ސިފަތަކެވެ. މުސްތަގުބަލާމެދު ބިރެއްނެތި އޭނާ ހޭނެއެވެ.
‏26 އޭނާ ބުނާ ބަސްތަކުގައި ބުއްދި އެކުލެވޭނެއެވެ. އޯގާވެރި އިރުޝާދު ދޭނެއެވެ.
‏27 ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.
‏28 އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ.
‏29 ”ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.“
‏30 ޗާލުކަމަކީ ހެއްލުމެކެވެ. ރިވެތިކަމަކީ ވަގުތީ އެއްޗެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އަންހެނާއަށް ހުރިހާ ތާރީފެއް ޙައްޤެވެ.
‏31 އޭނާ ކުރި ބުރަ މަސައްކަތަށް އިނާމު ދޭށެވެ. އެންމެންގެ ކުރިމައްޗަށް ގެންގޮސް ބަހައްޓައި އޭނާއަށް ތާރީފު ކުރާށެވެ.