މާތްކަލާނގެއަށް އިތުބާރު ކުރުން
3
‏1 ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ.
‏2 ކަލޯ މި ބަސްތައް އަހައިފިނަމަ ކަލޯއަށް އުފާވެރި ދިގު އުމުރެއް ލިބިގެންދާނެއެވެ.
‏3 ވަފާތެރި ކަމާއި ހިތްހެޔޮކަން ދޫކޮށް ނުލާށެވެ. މިކަންތައް ކަރުގައި ހާރެއްހެން އަޅާށެވެ. އަދި ހިތުގައި ލިޔެ ބިންވަޅު ނަގާށެވެ.
‏4 މިހެން ކަލޯ ކަންތައް ކޮށްފިނަމަ މާތްﷲ ކަލޯ ދެކެ ރުހިވޮޑިގެންވާނެއެވެ. އަދި އެންމެންވެސް ކަލޯއާ ރުހޭނެއެވެ.
‏5 މާތްރަސްކަލާނގެއަށް ހިތުގެ ފުންމިނުން އިތުބާރު ކުރާށެވެ. ތިމާއަށް މާބޮޑަށް އެނގޭކަމަށް ހީނުކުރާށެވެ.
‏6 ދަރިފުޅާއެވެ! އަބަދު ވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ.
‏7 ކަލޯތީ މާމޮޅު މީހެއްކަމަށް ހީކޮށް ނުހުންނާށެވެ. އަބަދުވެސް މާތްރަސްކަލާނގެއަށް ބިރުވެތިވެ ނުބައި މަގަށް ފުރަގަސްދޭށެވެ.
‏8 މިހެން ހެދުމުން ކަލޯގެ ސިއްޙަތު ރަނގަޅުވެ ދުޅަހެޔޮ ކަން ލިބޭނެއެވެ.
‏9 މާތްރަސްކަލާނގެއަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަލޯއަށް ލިބޭ ތަނަވަސްކަމަކާއި ފައިދާގެ ތެރޭ ހިމެނޭ އެންމެ މޮޅު އެއްޗަކުން ބައިއަޅައި އެކަލާނގެއަށް ވެދުން ކުރާށެވެ.
‏10 އޭރުން ގޮވާމާއި މޭބިސްކަދުރުން ކަލޯގެ ގުދަންތައް ފުރި އިތުރުވެގެން ދާނެއެވެ.
‏11 ދަރިފުޅާއެވެ! މާތްރަސްކަލާނގެ ކަލޯ ތަރުބިއްޔަތު ކުރުމަށް އަދަބެއް ދެއްވިޔަސް އެކަލާނގެއަށް ފުރަގަސް ނުދޭށެވެ. އެކަލާނގެ އެ ދެއްވި އިންޒާރަކަށް ފުރިހަމަޔަށް ސަމާލުކަން ދޭށެވެ.
‏12 އެހެނީ އެކަލާނގެ ލޯބިވާ އެންމެންމެ އެކަލާނގެ ތަރުބިއްޔަތު ކުރައްވައެވެ. އެއީ ބަފާ ފަޚުރުވެރިވާ ދަރިންވެސް ތަރުބިއްޔަތު ކުރާ ފަދައިންނެވެ.
ބުއްދީގެ އަގު
‏13 ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްކަލާނގެ ބަރަކާތް ލައްވައެވެ.
‏14 ބުއްދިވެރިކަމަކީ ރިއްސަށް ވުރެން ބޭނުން ބޮޑު އެއްޗެކެވެ. އެއީ ރަނަށް ވުރެން ވެސް އަގުބޮޑު އެއްޗެކެވެ.
‏15 ވިސްނުންތެރިކަމަކީ ޖަވާހިރަށް ވުރެންވެސް އަގުހުރި އެއްޗެކެވެ. އެއާ އަޅައި ކިޔާލެވޭނެ އެކައްޗެއްވެސް ނުވެއެވެ.
‏16 ވިސްނުންތެރި ކަމުގެ ކަނާތުގައި ވަނީ ދިގު އުމުރެކެވެ. ވާތުގައި ވަނީ މުދަލާއި ތަނަވަސްކަމާއި ޝަރަފެވެ.
‏17 ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ.
‏18 ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.
‏19 މާތްރަސްކަލާނގެ އުޑާއި ބިން އުފެއްދެވީ އެކަލާނގެ ދެނެވޮޑިގަތުމާއި ޙިކުމަތްފުޅުންނެވެ.
‏20 ކަނޑުތައް ފަތުރުއްވައި ވިލާތައް އުދުއްސަވައި ފެން ވެއްސަވަނީ އެމަތިވެރި އިލްމުފުޅުންނެވެ.
‏21 ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ.
‏22 އެގޮތުން ކަލޯއަށް ހިތްގައިމު ދިގު އުމުރެއް ލިބިގެންދާނެވެ.
‏23 އޭރުން ކަލޯގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ކަލޯ ދާ މަގުގައި ދެވޭނެއެވެ.
‏24 އޭރުން ހިތްދަތިކަމެއް ނެތި ކަލޯއަށް އަރާމު ކުރެވޭނެއެވެ. އަދި ބިރެއްނެތި ނިދާލެވޭނެއެވެ.
‏25 ނުބައި މީހުންނާ ކުރިމަތިވާ ކުއްލި ކާރިސާތަކާ މެދު ކަންބޮޑު ނުވާށެވެ.
‏26 އެހެނީ މާތްރަސްކަލާނގެ ކަލޯއަށް ރައްކާތެރިކަން ދެއްވާނެކަން ހަނދާން ކުރާށެވެ.
‏27 ކަލޯއަށް ވީވަރަކުން އެންމެންނަށް އެހީތެރިވެވޭތޯ ބަލާށެވެ.
‏28 މިއަދު ކޮށްދެވެން އޮތްކަމެއްގައި އަވަށްޓެރިޔާ ގާތު މާދަމާ އަންނާށޭ ނުބުނާށެވެ.
‏29 ކަލޯ އިތުބާރު ކުރާ އަވަށްޓެރިޔާއާ މެދު ހީލަތްތެރި ރޭވުންތައް ނުރާވާށެވެ.
‏30 ކަލޯއަށް ގެއްލުމެއް ނުވާހާ ހިނދަކު ޒުވާބެއް ކޮށްލުމުގެ ބޭނުމުގައި މީހަކާ ޒުވާބެއް ނުކުރާށެވެ.
‏31 އަނިޔާވެރިންގެ ގޮތްތަކަށް ހިތް ލަންބައި އެމީހުންގެ މިސާލުގައި ނުހިފާށެވެ.
‏32 އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ.
‏33 ނުބައިމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. އެކަމަކު ހެޔޮމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ.
‏34 މާތްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ.
‏35 ކަލޯއަކީ ބުއްދިވެރި ގޮތުގައި އުޅޭ މީހެއްނަމަ މީހުން ކަލޯއަށް ތާރީފު ކުރާނެއެވެ. އެކަމަކު ގޮތްދޫނުކުރާ މޮޔައެއްހެން އުޅޭ މީހެއް ނަމަ، މީހުންގެ މަލާމާތް ލިބޭނެއެވެ.