ބުއްދިއާއި އަޚުލާގު
2
‏1 ދަރިފުޅާއެވެ! އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ.
‏2 ވިސްނުންތެރިކަން އަންގައިދޭ ބަސްތަކަށް ކަންދީ ސަމާލުވެ އަޑުއަހަމުން ގެންދާށެވެ.
‏3 އާނއެކެވެ! އިލްމަށް ސަލާންޖަހާށެވެ. ހިލްމަށް އެދި އާދޭސް ކުރާށެވެ.
‏4 ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ. އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ.
‏5 އޭރުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވުމަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭނެއެވެ. އޭރުން މާތްﷲގެ އިލްމުން އިލްމު ދަސްވާނެއެވެ.
‏6 ޙިކުމަތްތެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ. ހަމަވިސްނުމާއި އިލްމު ލިބެނީވެސް އެފަރާތްޕުޅުންނެވެ.
‏7 ޞާލިޙު ތެދުވެރިންނަށް ރައްކާތެރިކަން ލިބި ހެޔޮ ނަސޭހަތުގެ ޚަޒާނާ ލިބެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ.
‏8 އެހެން މީހުންނާ މެދު އިންސާފުން ކަންތައް ކުރާ މީހުންނަށް މާތްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އަދި އެކަލާނގެއަށް ވަފާތެރިކަންމަތީ ތިބޭމީހުންނަށް ހިމާޔަތް ދެއްވައެވެ.
‏9 އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެއެވެ.
‏10 އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ.
‏11 ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.
‏12 އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ. އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ.
‏13 އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުންދާ މީހުންނެވެ.
‏14 އެމީހުންނަކީ ނުބައިކަންތައް ކުރާ ހިތްވާ ބައެކެވެ. އެމީހުން ގަޔާވަނީ ނުބައިނުލަފާ ކަންތަކާއެވެ.
‏15 އެމީހުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫނެވެ. އެމީހުން ކަންތައް ކުރާނީ ހިތަށް އެރިހާ ނުބައި ގޮތަކަށެވެ.
‏16 ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ.
‏17 އެ އަންހެނާއަކީ ޅައުމުރުގައި ކައިވެނިކުރި ފިރިމީހާއަށް ކެހިދީ މާތްﷲ ކިބަޔަށް ކުރި ޢަހުދު އުވާލި މީހާއެވެ.
‏18 އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ.
‏19 އޭނާއަށް ޒިޔާރަތް ކޮށްފި މީހާ ގެއްލި ހަލާކުވީއެވެ. ކަލޯއަކަށް ދިރިހުރުމެއް އަނބުރާ ނުލިބޭނެވެ.
‏20 ވީމާ ރަނގަޅު ޞާލިޙުންގެ މިސާލުތައް ބަލައި ތެދުވެރި ދިރިއުޅުމެއް އުޅޭށެވެ.
‏21 އެހެނީ ޞާލިޙު ތެދުވެރިން ވާނީ އަހަރެމެންނާއެކު މި ބިމުގައެވެ. އެމީހުންނަކީ އިތުބާރު ކުރެވޭ ބައެކެވެ.
‏22 ބިމުން ބޭރުކޮށްލެވޭނީ ނުބައި ނުލަފާ މީހުންނެވެ. މުލުން ލުހެލެވޭނީ ޣައްދާރުންނެވެ.