ފޭލިގެކޮޅު ބެހެއްޓުން
40
‏1 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ‏2 ”އާ އަހަރުގެ ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ. ‏3 ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ. ‏4 ދެން މޭޒުކޮޅު ގެނެސް ތަށި ކަންވާރު އަތުރައި، ބައްތިކޮޅުތައް ވެސް އެ ހަރު ކުރަމަށް ހެދުނު ހަރުގަނޑުގައި ބަހައްޓާ.
‏5 ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ. ‏6 ޤުރުބާނީ އަންދާ އަށި ފޭލިގޭގެ ދޮރުން ބޭރުގައި ބަހައްޓާ. ‏7 އަތްފައި ދޮންނަ ތަށި އައްޓާއި ފޭލިގެކޮޅުގެ ދޮރާއި ދެމެދުގައި ބަހައްޓާ އެއަށް ފެން އަޅާ. ‏8 ދެން ގޯތި ތެރެ ތައްޔާރުކޮށް ވަށައިގެންނާއި ދޮރުމަތީގައި ފަރުދާތައް ދަމާ. ‏9 މަޤާމަށް އިސްކުރަން އުނގުޅާ ތެޔޮ ފޭލިގެކޮޅުގެ ހުރިހާ ސާމާނު ފެހާމާނުތަކެއްގައި އުނގުޅައި އެތަން ކަރާމާތްތެރި ކުރޭ. ‏10 ޤުރުބާނީ އަންދާ އައްޓާއި އޭގައި ބޭނުންކުރާ ތަކެތީގައި ވެސް ތެޔޮ އުނގުޅައި އެތައް ކަރާމާތްތެރި ކުރޭ. އެގޮތުން އެ އައްޓަކީ މާތް ތަނަކަށް ވެގެން ދާނެ. ‏11 އަދި ހަމަ އެފަދައިން އެ އަތްފައި ދޮންނަ ތައްޓާއި އެބަހައްޓާ ހަރު ވެސް ކަރާމާތްތެރި ކުރޭ.
‏12 ހާރޫނު އާއި އޭނާގެ ދަރިން ފޭލިގެކޮޅުގެ ކުރިމައްޗަށް ގެނެސް އެތަނުގައި އެމީހުން އެ ފެނުން ތާހިރު ކުރޭ. ‏13 ދެން ހާރޫނު ހައިބަވެތި ހެދުންކޮޅު ލައްވައި އަހަރެންގެ އިމާމެއްގެ މަޤާމަށް އިސްކުރުމަށް އޭނާ ގައިގައި ތެޔޮ އުނގުޅައި ކަރާމާތްތެރި ކުރޭ. ‏14 އޭގެ ފަހުން އޭނާގެ ދަރިން ގެނެސް އެމީހުން ވެސް ގަމީސް ލައްވާ. ‏15 އެމީހުންގެ ބައްޕަ އިސްކުރި ފަދައިން އެމީހުން ވެސް މަޤާމަށް އިސްކުރޭ. މިހެން ކަންކުރަމުން އެމީހުން އެވަނީ ޖީލަކަށް ފަހު ޖީލަކާ ހަމަޔަށް އިމާމު ކަމަށް ޚާއްސަ ކުރެވިފައި.“
‏16 އެހުރިހާކަމެއް މާތްރަސްކަލާނގެ އެންގެވި ފަދައިން މޫސާގެފާނު ކުރެއްވިއެވެ. ‏17 މިގޮތުން ދެވަނަ އަހަރު ފުރަތަމަ މަހު ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ ލެވިއްޖެއެވެ.
‏18 މޫސާގެފާނު އެފޭލިގެކޮޅު ޖެއްސެވުމަށް ފުރަތަމަ ކުރެއްވި ކަމަކީ އޮނިގަނޑުތައް ބަހައްޓަން ހަދާފައިވާ ބުޑުތައް ބެހެއްޓެވީއެވެ. ދެން އޮނިގަނޑުތައް އެ ބުޑުތަކުގައި ހަރުކުރެއްވީއެވެ. އޭގެ ފަހުން ހުރަސް ދަނޑިތަށް އެފުރޭމުގައިވާ ބޮޅުތަކުގެ ތެރެއަށް ލައްވާ ތަނބުތައް ކޮއްޅަށް ޖެއްސެވީއެވެ. ‏19 އެއަށް ފަހު ބޭރުންލުމަށް ހަދާފައިވާ އުރަކޮޅު ފަތުރުއްވައި ފޭލިގެ ކޮޅުގެ ފުރާޅުމަތީ ދެމުމަށް ހަދާފައިވާ ސަނދުވާ އަޅުއްވައި މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތީން އެކަންތައް އެކަލޭގެފާނު ފުރިހަމަ ކުރެއްވީއެވެ.
‏20 އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށް ވާ މަތިގަނޑު ޖެއްސެވިއެވެ. ‏21 ދެން އެކަލޭގެފާނު ޢަހުދުނާމާ ފޮށިކޮޅު ފޭލިގޭތެރޭގައި ބަހައްޓަވައި އޭގެ ވަށައިގެން ދެމުމަށް ހެދިފައިވާ ފަރުދާކޮޅު ދެންމެވިއެވެ. މިގޮތުގެ މަތިން އެ ފޮށިކޮޅު މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތިން ނިވާކުރެއްވިއެވެ.
‏22 އޭގެ ފަހުން މޭޒުކޮޅު ގެންދަވައި ފޭލިގެކޮޅުގެ އުތުރު ފަރާތުގައި މާތްވެގެންވާ މަޤާމުފުޅު ކާރީ ހުރި ފަރުދާގެ ބޭރުގައި ބަހައްޓަވައިފިއެވެ. ‏23 އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅާ ބޯރޮށިތައް ގެންދަވައި އެކަލާނގެ އެންގެވި ފަދައިން އެތަކެތި ބެހެއްޓެވިއެވެ.
‏24 އޭގެ ފަހުން ބައްތިކޮޅު ގެންދަވައި މޭޒުކޮޅުގެ އަނެއްފަރާތުގައި ފޭލިގެކޮޅުގެ ދެކުނު ފަރާތުގައި ބެހެއްޓެވިއެވެ. ‏25 ދެން މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެ ހަޒްރަތުގައި އެބައްތިކޮޅު ދިއްލެވިއެވެ. ‏26 އަދި ދުންއަޅާ ރަންއަށި ގެންދަވައި މާތްވެގެންވާ މަޤާމުފުޅުގެ ފަރުދާ ކާރީގައި ބެހެއްޓެވިއެވެ. ‏27 މާތްރަސްކަލާނގެ އެންގެވި ފަދައިން އެތަނުގައި މީރު ވަސްދުވާ ތަކެތި އަންދަވައި ދުން އެޅުއްވިއެވެ.
‏28 އޭގެ ފަހުން ފޭލިގެކޮޅުގެ ކުރިމަތީގައި ދަމާ ފަރުދާ ވެސް އެކަލޭގެފާނު ދަންމަވައިފިއެވެ. ‏29 އަދި ޤުރުބާނީ އަންދާ އަށިވެސް ފޭލިގެކޮޅު ކުރިމަތީގައި ބަހައްޓަވައިފިއެވެ. އެތަނުގައި އެކަލޭގެފާނު ޤުރުބާނީއެއް އަންދަވައި ގޮދަން ވެދުން ކުރެއްވިއެވެ. އެއީ ވެސް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.
‏30 އެއަށް ފަހު އިމާމުން އަތްފައި ދޮވުމަށް ހުރި ބިލިގާ ގެންދަވައި ޤުރުބާނީ އައްޓާއި ފޭލިގެކޮޅާ ދެމެދު ބަހައްޓަވައި އެއަށް ފެން އަޅުއްވައިފިއެވެ. ‏31 މޫސާގެފާނާއި ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންތައް އެ ފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައިފިއެވެ. ‏32 އެބޭކަލުން ފޭލިގެކޮޅުތެރަށް ނުވަތަ އަށިކޮޅާ ކައިރިއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައެވެ. އެއީ މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ. ‏33 ދެން އެއަށް ފަހު މާތްވެގެންވާ ފޭލިގެކޮޅާއި ޤުރުބާނީ އަށީގެ ވަށައިގެން ފަރުދާ ދަންމަވައި ދޮރުކޮޅުމަތީގެ ފަރުދާ ވެސް ދަންމަވައިފިއެވެ. އެއާއެކު ފޭލިގެ ޖެއްސެވުމުގެ ހުރިހާކަމެއް ފުރިހަމަ ވެއްޖެއެވެ.
މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅު
‏34 އެވަގުތު ވިލާގަނޑު އައިސް ފޭލިގެކޮޅުގެ މައްޗަށް ފެތުރިއްޖެއެވެ. އަދި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން އެ ފޭލިގެކޮޅު ދިއްލި ފުރިގެން އަތުވެއްޖެއެވެ. ‏35 އެވަގުތު މޫސާގެފާނަކަށް އެ ފޭލިގެކޮޅަކަށް ވެދެވަޑައެއް ނުގެންނެވުނެވެ. އެހެނީ އޭރު ފޭލިގެކޮޅު މައްޗަށް ވަނީ އެބޯ ވިލާގަނޑު ފެތުރި މާތްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން ފުރިފައި ވެއެވެ.
‏36 އެވިލާނގަނޑު ފޭލިގެކޮޅު މަތިން އުފުލި ކުރިއަށް ދާ ދިމާއަކަށް ބަނީ އިސްރާއީލީން ދަތުރުކުރަމުން ދިޔައެވެ. ‏37 ވިލާގަނޑު ނުއުފުލޭނަމަ އެމީހުން ތިބި ތަނެއްގައި ތިބެނީއެވެ. ‏38 ދުވާލުގެ ވަގުތުގައި މާތްރަސްކަލާނގެ ފޮނުއްވި މިވިލާގަނޑު ފޭލިގެމަތީ ބުރުއަޅަމުން ދެއެވެ. ރޭގަނޑު ވިލާގަނޑުގެ ތެރޭގައި އަލިފާން ރޯވެފައި ހުރެއެވެ. މިތަން ބަނީ އިސްރާއީލުގެ ހުރިހާ އާއިލާތަކަށް ފެންނަން ހުރެއެވެ. އެމީހުން ކުރި ދަތުރު ނިމެންދެން ވެސް މިކަންތައް މިގޮތުގައި ހިނގަމުން ދިޔައެވެ.