2
‏1 މިގޮތުގެ މަތިން އުޑާއި ބިމުގައިވާހައި ތަކެއްޗެއް މާތްﷲ އުފައްދަވައި ނިންމެވިއެވެ. ‏2 ހަތްވަނަ ދުވަސް އައިއިރު މާތްﷲ އެކަލާނގެ ކުރެއްވި މަސައްކަތްޕުޅު ވަނީ މުޅީން ނިންމަވާލައްވާފައެވެ. ‏3 އެކަލާނގެ ހަތްވަނަ ދުވަހަށް ރަޙުމަތްލައްވައި އެދުވަހަކީ މާތްދުވަހެއް ކަމުގައި ލެއްވިއެވެ. ސަބަބަކީ އެދުވަހަކީ އެކަލާނގެ އުފެއްދެވި އެންމެހާ އުފެއްދެވުންތައް ފުރިހަމަ ކުރައްވައި ނިންމަވާލެއްވުން ފާހަގަކުރައްވާ ދުވަސް ކަމުގައި ވީމައެވެ.
އާދަމްގެފާނާއި ޙައްވާގެފާނު
‏4‏-5 މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ. ‏6 ނަމަވެސް ބިމުން ފެންއާރުތައް އުފެދިގެން އައެވެ. މިފެނުން މުޅި ދުނިޔޭގެ ބިމަށް ފެން ލިބުނެވެ.
‏7 މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ. ‏8 މަތިވެރިރަސްކަލާނގެ އިރުމަތީގައި ޢަދަނޭ ކިޔާ ރަށެއްގައި ބަގީޗާއެއް ހެއްދެވިއެވެ. އަދި އެކަލާނގެ ހެއްދެވި އިންސާނާ އެބަގީޗާގެ ތެރޭގައި ލެއްވިއެވެ. ‏9 މަތިވެރިރަސްކަލާނގެ އެބަގީޗާގެ ބިމުން އެތައް އެތައް ވައްތަރެއްގެ ގަސްގަހާގެއްސެއް ފެޅުއްވިއެވެ. ބަލަން ރީތި ކެއުމަށް ކަމުދާ ރަހަމީރު މޭވާ އަޅާ ގަސްތަކެވެ. ދާއިމީ ޙަޔާތުގެ ގަހާއި އަދި ހެވާއި ނުބައި ވަކިކުރުމުގެ އިލްމު ލިބިދޭ ގަސް ވެސް ވަނީ އެބަގީޗާގެ މެދުގައެވެ.
‏10 އެބަގީޗާއަށް ފެން ލިބޭ ފެންއާރެއް ޢަދަނުގެ ތެރެއިން އުތުރިއަރައި އޮއިދެމެމުން ދިޔައެވެ. އެފެންއާރު ޢަދަނުގެ ބޭރަށް ގޮސް ބައިބައިވެ ހަތަރު ކޯރަކަށް ބެހުނެވެ. ‏11 ފުރަތަމަ ކޯރުގެ ނަމަކީ ފީޝޫންއެވެ. އެކޯރު ދެމެމުން ދިޔައީ ޙަވީލާއޭ ކިޔުނު ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށެވެ. އެސަރަހައްދުން ރަން ވެސް ލިބެއެވެ. ‏12 އެއީ ސާފު ރަނެވެ. އަދި އެ ސަރަހައްދުގައިވާ ގަސްތަކުން ލިބޭ ކިރަކީ ތަދު ބާވަތެއްގެ މީރުވަސްދުވާ ހުވަނދެކެވެ. ސުލައިމާނު މުތީއޭ ކިޔާ ޖަވާހިރު ވެސް އެބިމުގައި ވެއެވެ.
‏13 އެތަނުގައިވާ ފެން އާރުން އުފެދުނު ދެވަނަ ކޯރުގެ ނަމަކީ ޖީޙޫން އެވެ. އެކޯރު ދެމިފައިވީ ކޫޝް ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށެވެ. ‏14 މިއާރުން އުފެދުނު ތިންވަނަ ކޯރުގެ ނަމަކީ ދިޖްލަތެވެ. މި ކޯރު ދެމިފައިވީ އައްޝޫރުއޭ ކިޔުނު ސަރަހައްދުގެ އިރުމަތީގައެވެ. މިއާރުން އުފެދުނު ހަތަރު ވަނަ ކޯރުގެ ނަމަކީ ފުރާތު ކޯރެވެ.
‏15 މަތިވެރިރަސްކަލާނގެ، އެކަލާނގެ އުފެއްދެވި އިންސާނާ ޢަދަނަށް ގެންދަވައި އެބަގީޗާގައި ލެއްވިއެވެ. އަދި އެތަނުގައި ގަސްތައް ހައްދާ ބެލެހެއްޓުމާ ހަވާލު ކުރެއްވިއެވެ. ‏16 އެއަށް ފަހު މަތިވެރިރަސްކަލާނގެ އިންސާނާއަށް އަމުރު ކުރެއްވިއެވެ. ”މިބަގީޗާގައިވާ ހުރިހާގަހެއްގައި އަޅާތަކެތި ކެއުމުގެ ހުއްދަ ތިބާއަށް ދީފިން. ‏17 ނަމަވެސް ހެވާއި ނުބައި ވަކިކުރުމުގެ ޙިކުމަތް އެކުލެވިގެންވާ ގަހުގެ މޭވާ ކައިގެން ނުވާނެ! އެއީ އެގަހުގެ މޭވާ ތިބާ ކައިފިނަމަ ހަމަ ޔަޤީނުން ވެސް ތިބާ މަރުވާނެ!“
‏18 މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ފިރިހެނާ އެކަނިވެރި ވުމަކީ ރަނގަޅު ކަމެއް ނޫން. އޭނާ އާއި އެކަށޭނަ ބައިވެރިއަކު ތިމަންކަލާނގެ އުފައްދަވާނަން.“
‏19 މި ހިނދު މަތިވެރިރަސްކަލާނގެ ވަނީ މިބިމުން ދުނިޔޭގައި ލެއްވިހާ ބާވަތެއްގެ ޖަނަވާރުތަކާއި ދޫނި ސޫފާސޫތްޕެއް އުފައްދަވާފައެވެ. މިހުރިހާ ޖަނަވާރުތަކާއި ދޫނިސޫފާސޫތްޕެއް އިންސާނާގެ ގާތަށް އެކަލާނގެ ޖަމާކުރެއްވިއެވެ. އެއީ އިންސާނާ ލައްވައި އެ އެއްޗެއްސަށް ނަންދިނުމަށެވެ. މިއިން ކޮންމެ އެއްޗަކަށް އިންސާނާ ދިން ނަމަކީ އެ އެއްޗެތީގެ ނަންކަމުގައި ވިއެވެ. ‏20 މިގޮތުގެމަތިން އިންސާނާ ދުނިޔޭގައި ވާހާ ޖަނަވާރަކަށާއި ދޫނިސޫފާސޫތްޕަކަށް ނަންދިނެވެ. ނަމަވެސް އެހުރިހާ އެއްޗެއްގެ ތެރެއަކުން ވެސް އިންސާނާއާއި ގުޅޭނެކަހަލަ އެކުވެރި ބައިވެރިޔަކު ނުލިބުނެވެ.
‏21 ދެން މަތިވެރިރަސްކަލާނގެ އިންސާނާ ފުން ނިންޖަކުން ނިންދަވާލެއްވިއެވެ. އަދި އޭނާ ނިދީގެ ތެރޭގައި ވަނިކޮށް އޭނާގެ އަރިކަށިން ކަށިގަނޑެއް ނެންގެވުމަށް ފަހު އެތަނަށް މަސް ލައްވައި ބައްދަވާލެއްވިއެވެ. ‏22 ދެން އެކަށިގަނޑުން މަތިވެރިރަސްކަލާނގެ އަންހެނަކު އުފެއްދެވުމަށް ފަހު އޭނާ ފިރިހެނާގެ ކައިރިއަށް ގެންދެވިއެވެ.
‏23 އިންސާނާ ބުންޏެވެ: ”މިއީ އަހަރެންގެ ކައްޓާއި އަހަރެންގެ މަސް އެކުލެވިގެން އުފައްދަވާފައިވާ މީހެއް. މީނާގެ ނަމަކަށް އަހަރެން ކިޔާނީ ’އަންހެނާ‘. އެހެނީ އޭނާ ހެއްދެވިފައި އެވަނީ، ފިރިހެނާގެ ހަށިގަނޑުގެ ބަޔަކުން.“
‏24 ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާއާއެކު އެއް ހަށިގަނޑެއްގެ ގޮތުގައި ގުޅި އެކަތިގަނޑެއްގެ ގޮތުގައި އުޅެނީ މިހެންވެއެވެ.
‏25 މި ހިނދު ފިރިހެނާ އާއި އަންހެނާ ވަނީ އޮރިޔާން ޙާލުގައި ޢައުރަ ކަޝްފުވެގެންނެވެ. އެހެނަސް އެދެމީހުންކުރެ އެކަކަށް ވެސް އެކަމާ މެދަކު ލަދުވެތި ވުމުގެ އިޙުސާސެއް ކުރެވިފައެއް ނުވެއެވެ.