ލަމޫއީލްގެ މަންމަ ދަސްކޮށްދިން ކަންތައް
31
‏1 މައްސާގެ ރަސްގެފާނުގެ މަންމާފުޅު ދަސްކޮށް ދެއްވި ކަމަށް ލަމޫއީލް ވިދާޅުވެފައިވާ އިލާހީ ބަސްފުޅުތަކެއް ވެއެވެ.
‏2 ”އޭ ދަރިފުޅާއެވެ.
އަހަރެންގެ ރަހިމުގެ ދަރިފުޅާއެވެ.
އަހަރެންގެ ދުޢާތަކުގެ ދަރިފުޅާއެވެ.
‏3 ރަސްކަލުން ފަނާކޮށްލާ ފާހިޝް އަންހެނަކަށްޓަކައި ކަލޯގެ ހަކަތަ ހުސްކޮށް ނުލާށެވެ.
‏4 އޭ ލަމޫއީލް އެވެ.
ރަސްކަލުން ރާފޮދު ހިއްޕަވާކަށް ނުވާނެއެވެ.
ވެރިން ބަނގުރަލަށް އެދުންވެރި ވެގެން ނުވާނެއެވެ.
‏5 އެމީހުން ރާބުއިމުން ޤާނޫނު ހަނދާނެއް ނުހުރެއެވެ.
މުހުތާދަށް ބޭނުންވެފައިވާ މީހާއާމެދު އިންސާފުން ކަންތަކެއް ނުކުރެވެއެވެ.
‏6 ރަލަކީ މަރުވާ މީހާއަށް ދޭން ހުންނަ އެއްޗެކެވެ.
ބަނގުރަލަކީ ހިތްދަތިވެ ހާސްވާ މީހާއަށް ހުންނަ އެއްޗެކެވެ.
‏7 އެއީ އެމީހުންގެ ފަޤީރުކަމާއި ޖެހިފައިވާ ހާލުގެ މަތިން ހަނދާން ނެތުނަ ދިނުމަށެވެ.
‏8 އަމިއްލައަށް ބަސް ބުނަން ކުޅަދާނަކަން ނެތް މީހުންގެ މަތިން ބަސް ބުނެދޭށެވެ.
އެހީތެރިކަމެއް ނެތް މީހުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭށެވެ.
‏9 އާނއެކެވެ.
ފަޤީރު މީހާގެ ކޮޅަށް ވަކާލާތު ކޮށްދޭށެވެ.
އެމީހުންނަށް އިންސާފު ހޯދާ ދޭށެވެ.“
ރަނގަޅު އަނތްބަކަށް ކުރެވޭ ތާރީފު
‏10 ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟
އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ.
‏11 އޭނާގެ ފިރިމީހާ އޭނާއަށް އިތުބާރު ކުރާނެއެވެ.
އޭނާގެ ދިރިއުޅުން ތަނަވަސް ކޮށްދޭނެއެވެ.
‏12 އެ އަންހެނާގެ ކިބައިން ލިބޭނީ ހެޔޮކަމެވެ.
ގެއްލުމެއް ނުލިބޭނެއެވެ.
އެ އަންހެނާގެ މުޅި އުމުރު މިފަދައިން ކަން ކުރާނެއެވެ.
‏13 އޭނާ އަވަދިނެތި އުއިވަށައި ފޮތިވިޔެ ހަދާނެއެވެ.
‏14 އޭނާއަކީ ދުރުން ކާބޯތަކެތި ގެންނަ ނަވެއް ފަދައެވެ.
‏15 ފަތިހު ތެދުވެ ގޯތި އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެއެވެ.
އަދި ޚާދިމާއިންނަށް ދުވަހުގެ މަސައްކަތް ދައްކާނެއެވެ.
‏16 ދަނޑުފަނގުތައް ބަލައި ބިން ގަންނާނެއެވެ.
އޭނާ އެއްކޮށްފައި ހުންނަ ފައިސާއިން ގަސް އިންދައި ދަނޑު ހައްދާނެއެވެ.
‏17 އޭނާއަކީ ގައިގައި ވަރު ހުރި ގަދަފަދަ ބުރަ މަސައްކަތް ކުރާ އަންހެނެކެވެ.
‏18 އޭނާ ވިޔަފާރިކޮށް އެއިން ފައިދާ ހޯދާނެއެވެ.
ރޭގަނޑުގެ ގިނަ އިރު އޭނާގެ ގޭގެ ބައްތި ދިއްލިފައި ހުންނާނެއެވެ.
‏19 އޭނާ ރޮދި އެޅުމުގައި އަވަދިނެތި އުޅޭނެއެވެ.
އިނގިލިތަކުން ހުއްޓާނުލާ އުއި ވަށާނެއެވެ.
‏20 އޭނާ ފަޤީރުންނަށް އެހީވާނެއެވެ.
ބޭނުން ޖެހޭ މީހުންނަށް ދީލަތި ވާނެއެވެ.
‏21 ފިނިމޫސުން އަތުވެދާނެތީ އޭނާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ.
އޭނާ ގޭ އެންމެންނަށް ކެހެރި ފޭރާން ތައްޔާރުކޮށްފައި ހުންނާނެއެވެ.
‏22 އޭނާ އެނދުތަންމަތި ތައްޔާރު ކުރާނެއެވެ.
ލާނީ ރީތި ފަށުވި ލިބާހެވެ.
ބޭރުން އަޅާނީ ދަނބުކުލައިގެ ފޭރާމެކެވެ.
‏23 އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ.
އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ.
‏24 އެއަންހެނާ މޮޅު ފޮތި ވިޔެ ކަމަރާއި ފައްޓާއާއި ހެދުން ތައްޔާރުކޮށް ވިއްކާނެއެވެ.
‏25 އޭނާގެ ކިބައިގައި ހުންނާނީ އަބުރާއި އިއްޒަތުގެ ސިފަތަކެވެ.
މުސްތަގުބަލާމެދު ބިރެއްނެތި އޭނާ ހޭނެއެވެ.
‏26 އޭނާ ބުނާ ބަސްތަކުގައި ބުއްދި އެކުލެވޭނެއެވެ.
އޯގާވެރި އިރުޝާދު ދޭނެއެވެ.
‏27 ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ.
ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.
‏28 އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ.
ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ.
‏29 ”ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ.
އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.“
‏30 ޗާލުކަމަކީ ހެއްލުމެކެވެ.
ރިވެތިކަމަކީ ވަގުތީ އެއްޗެކެވެ.
މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އަންހެނާއަށް ހުރިހާ ތާރީފެއް ޙައްޤެވެ.
‏31 އޭނާ ކުރި ބުރަ މަސައްކަތަށް އިނާމު ދޭށެވެ.
އެންމެންގެ ކުރިމައްޗަށް ގެންގޮސް ބަހައްޓައި އޭނާއަށް ތާރީފު ކުރާށެވެ.