ޞަމޫއީލް ދެވަނަ ފޮތް
މި ފޮތާ މެދު
މި ފޮތަކީ ޞަމޫއީލް ފޮތުގެ ފަހު ބައެވެ. މި ދެފޮތް އެއްފޮތެއްގެ ގޮތުގައި ލިޔެވިފައި ނުވަނީ އޭރު ލިޔަން ގެންގުޅޭ ފަތް ނުވަތަ ކަރުދާހެއްގައި އެއްކޮށް ލިޔެވޭވަރަށް ވުރެން ދިގުވީމައެވެ.
ޞަމޫއީލް ވާހަކަ އަކީ ދާއޫދުގެފާނުގެ ރަސްކަމުގެ ތާރީޚެވެ.
ޝާއުލްގެފާނު އަވަހާރަވުމުން ޔަހޫޛާގެ މީހުން ދާއޫދުގެފާނު އެމީހުންގެ ރަސްކަލަކަށް ހޮވިއެވެ. އޭގެ ފަހުން ހަތް އަހަރު ވީ އިރު ވެސް ދާއޫދުގެފާނު އުޅުއްވަން ޖެހިވަޑައިގަތީ ޝާއުލްގެފާނުގެ ދަރިކަލުން އިޝްބޫޝަތު (އިސްރާއީލުގެ ރަސްގެފާނު) އާ ހަނގުރާމަ ކުރެއްވުމުގައެވެ. އިސްރާއީލީންގެ ތެރޭން ދިހަ ގަބީލާގެ މީހުން ބޭނުންވީ އިޝްބޫޝަތު ރަސްކަމަށް އިސްކުރާށެވެ. ދާއޫދުގެފާނު އިސްކުރަން ބޭނުންވީ ދެގަބީލާގެ މީހުންނެވެ. އެ ހަނގުރާމައަށް ފަހު ދާއޫދުގެފާނަށް މުޅި އިސްރާއީލުގެ ރަސްކަން ލިބިވަޑައި ގެންނެވިއެވެ.
ދާއޫދުގެފާނު ޔަބޫޝީންގެ އަތްދަށުން ޖެރޫސަލަމް ސަލާމަތް ކުރެއްވިއެވެ. އަދި އެރަށް އިސްރާއީލީންގެ ވެރި ރަށް ކަމުގައި ހެއްދެވިއެވެ.
ދާއޫދުގެފާނު އެރަށަށް ޢަހުދުނާމާ ފޮށިކޮޅު ގެންނަވައި އެރަށުގައި މާތްރަސްކަލާނގެއަށް ޚާއްސަ ބިނާއެއް ހައްދަވަން އުޅުއްވިއެވެ. އެހެންނަމަވެސް މާތްރަސްކަލާނގެ އެކަމަށް ހުރަސް އެޅުއްވިއެވެ. އެއީ ދާއޫދުގެފާނަކީ ހަނގުރާމަ ކުރައްވައި އެތައް ބައެއްގެ ލޭ އޮހޮރުވާފައިހުންނެވި ބޭކަލެއް ކަމުންނެވެ. އެހެންނަމަވެސް ދާއޫދުގެފާނަކީ މަތިވެރި ރަސްކަލެއްގެ ގޮތުގައި ދަމަހައްޓާނެ ކަމަށާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން އަބަދުވެސް އެކަކު ރަސްކަމުގައި ލައްވާނެ ކަމުގެ ވަޢުދުފުޅު އެކަލާނގެ ކުރެއްވިއެވެ.
ދާއޫދުގެފާނު އިސްރާއީލީންގެ އަދާވާތްތެރިންގެ މައްޗަށް ފަތަޙަ ހޯއްދަވައި އާރާއި ބާރު ހުރި ރަސްކަމެއްގެ ވެރިޔަކަށް ވެ ވަޑައިގަތެވެ.
ދާއޫދުގެފާނު އެކަލޭގެފާނުގެ ސިފައިންގެ އިސްވެރިޔަކު ހަނގުރާމައިގައި އުޅެނިކޮށް އޭނާގެ އަނބިމީހާ އާއެކު ނަހަމަ ގުޅުމެއް ހިންގެވިއެވެ. އޭގެ ނަތީޖާއަކަށް ވީ އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބޮޑެތި މުސީބާތްތަކެއް މާތްރަސްކަލާނގެ ފޮނުއްވެވުމެވެ. އަދި އެ ހުރިހާ މުސީބާތެއް އައީ އެކަލޭގެފާނުގެ އާއިލާގެ ތެރޭން ކަމަށްވުމެވެ.
ދާއޫދުގެފާނުގެ ދަރިކަލުން އަމްނޫން އެކަލޭގެފާނުގެ އަންހެން ދަރިކަނބަލުން ތަމާރު އާއެކު ގަދަކަމުން ގުޅުން ހިންގިއެވެ. އެކަމާހެދި ދާއޫދުގެފާނުގެ ދަރިކަލެއް ކަމަށް ވާ އަބްޝާލޫމް އަމްނޫން މަރާލިއެވެ. އަދި ފަހުން ދާއޫދާ ދެކޮޅަށް ހަނގުރާމައަށް ނުކުތެވެ.
ދާއޫދުގެފާނަކީ އެންމެ ފުރިހަމަގޮތުގައި އުޅުއްވި ބޭކަލެއް ނޫނެވެ. އެހެންނަމަވެސް އެކަލޭގެފާނަކީ މާތްރަސްކަލާނގެއަށް އަޅުކަން ކޮށް ކިޔަމަންތެރި ކަމުގައި ދެމި ހުންނެވި ބޭކަލެކެވެ.
ޔަހޫޛާގެ ރަސްކަން ދެމި އޮތްހާ ހިނދަކު މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޢުދު ކުރެއްވި ކަންތައް ފުރިހަމަވިއެވެ.
އެކުލެވޭ ބައިތައް
ދާއޫދުގެފާނު ޔަހޫޛާގައި ރަސްކަން ކުރެއްވުން (1‏:1‏—4‏:12)
ދާއޫދުގެފާނު އެކުވެރި އިސްރާއީލުގައި ރަސްކަން ކުރެއްވުން (5‏:1‏—10‏:19)
ދާއޫދުގެފާނު ކުރެއްވި ފާފަތަކާއި އޭގެ ނަތީޖާ (11‏:1‏—20‏:26)
ދާއޫދުގެފާނުގެ ރަސްކަން ނިމުން (21‏:1‏—24‏:25)