5
‏1 މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްﷲ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ.
‏2 އެކަލާނގެ ފިރިހެނުންނާއި އަންހެނުންގެ ގޮތުގައި އިންސާނުން ހެއްދެވިއެވެ. އެމީހުން އުފެއްދެވުމަށް ފަހު އެކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވި އެވެ. އަދި އެމީހުންނަށް އިންސާނުންނޭ ކިޔައި ނަންދެއްވިއެވެ.
‏3 އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ. ‏4 އާދަމްގެފާނަށް ޝީޘްގެފާނު ލިބިވަޑައިގަތުމަށް ފަހު އަށްސަތޭކަ އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދިވެސް އެހެން ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން އާދަމްގެފާނަށް ލިބިވަޑައިގެންނެވިއެވެ. ‏5 އާދަމްގެފާނު މުޅިއެކު ނުވަ ސަތޭކަ ތިރީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އާދަމްގެފާނު އަވަހާރަވީއެވެ.
‏6 ޝީޘްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަފަސް އަހަރުގައި އެކަލޭގެފާނަށް އަނޫޝް ލިބިވަޑައިގެންނެވިއެވެ. ‏7 އަނޫޝް ލިބިވަޑައިގަތުމަށް ފަހު ޝީޘްގެފާނު އަށްސަތޭކަ ހަތް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދި އެހެނިހެން ދަރިދަރިކަލުންނާއި ދަރިދަރި ކަނބަލުން ޝީޘްގެފާނަށް ލިބިވަޑައިގެންނެވިއެވެ. ‏8 ޝީޘްގެފާނު މުޅިއެކު ނުވަ ސަތޭކަ ބާރަ އަހަރު ވަންދެން ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އަވަހާރަވީއެވެ.
‏9 އަނޫޝްގެ އުމުރުން ނުވަދިހަ އަހަރުގައި އޭނާއަށް ޤައިނާން ލިބުނެވެ. ‏10 ޤައިނާން ލިބުމަށް ފަހު އަނޫޝް އަށްސަތޭކަ ފަނަރަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް އަނޫޝްއަށް ލިބުނެވެ. ‏11 އަނޫޝް މުޅިއެކު ނުވަ ސަތޭކަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
‏12 ޤައިނާންގެ އުމުރުން ހަތްދިހަ އަހަރުގައި އޭނާއަށް މަހްލަލްއީލު ލިބުނެވެ. ‏13 މަހްލަލްއީލު ލިބުމަށް ފަހު އަށްސަތޭކަ ސާޅީސް އަހަރު ޤީނާން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޤައިނާންއަށް ލިބުނެވެ. ‏14 ޤައިނާން މުޅިއެކު ނުވަސަތޭކަ ދިހަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
‏15 މަހްލަލްއީލުގެ އުމުރުން ފަސްދޮޅަސް ފަސް އަހަރުގައި އޭނާއަށް ޔާރިދު ލިބުނެވެ. ‏16 ޔާރިދު ލިބުމަށް ފަހު އަށްސަތޭކަ ތިރީސް އަހަރު މަހްލަލްއީލު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް މަހްލަލްއީލުއަށް ލިބުނެވެ. ‏17 މަހްލަލްއީލު މުޅިއެކު އަށްސަތޭކަ ނުވަ ދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
‏18 ޔާރިދުގެ އުމުރުން ސަތޭކަ ފަސްދޮޅަސް ދެ އަހަރުގައި އޭނާއަށް އިދުރީސްގެފާނު ލިބުނެވެ. ‏19 އިދުރީސްގެފާނު ލިބުމަށް ފަހު އަށް ސަތޭކަ އަހަރު ޔާރިދު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޔާރިދަށް ލިބުނެވެ. ‏20 މުޅިއެކު ނުވަ ސަތޭކަ ފަސްދޮޅަސް ދެ އަހަރު ޔާރިދު ދުނިޔޭގައި އުޅުމަށް ފަހު އޭނާ މަރުވީއެވެ.
‏21 އިދުރީސްގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް ފަސް އަހަރުގައި އެކަލޭގެފާނަށް މަތޫޝާލިޙު ލިބިވަޑައިގެންނެވިއެވެ. ‏22 މަތޫޝާލިޙު ލިބިވަޑައިގަތުމަށް ފަހު ތިންސަތޭކަ އަހަރު އެކަލޭގެފާނު މާތްﷲ ރުހިވޮޑިގަންނަވާ މަގުން ހިންގެވިއެވެ. އަދި އެކަލޭގެފާނަށް އިތުރު ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ވެސް ލިބިވަޑައިގަތެވެ. ‏23 އިދުރީސްގެފާނު މުޅިއެކު ތިންސަތޭކަ ފަސްދޮޅަސް ފަސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. ‏24 އިދުރީސްގެފާނު މާތްﷲއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ. އަދި މާތްﷲ އިދުރީސްގެފާނު އަވަހާރަ ނުވަނީސް އެކަލާނގެއާއެކުގައި ވުމަށް ގެންދެއްވިއެވެ.
‏25 މަތޫޝާލިޙުގެ އުމުރުން ސަތޭކަ އަށްޑިހަ ހަތް އަހަރުގައި އޭނާއަށް ލާމިކު ލިބުނެވެ. ‏26 ލާމިކު ލިބުމަށް ފަހު އޭނާ ހަތްސަތޭކަ އަށްޑިހަ ދެ އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާއަށް އެހެން ވެސް ފިރިހެންދަރިންނާ އަންހެންދަރިން ލިބުނެވެ. ‏27 މަތޫޝާލިޙު މުޅިއެކު ނުވަސަތޭކަ ފަސްދޮޅަސް ނުވަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
‏28 ލާމިކުގެ އުމުރުން ސަތޭކަ އަށްޑިހަ ދެ އަހަރުގައި އޭނާއަށް ވެސް ފިރިހެން ދަރިކަލަކު ލިބުނެވެ. ‏29 އެދަރިފުޅުގެ ނަމަކަށް އޭނާ ކީ ނޫޙު އެވެ. ލާމިކު ބުންޏެވެ. ”މާތްރަސްކަލާނގެ ރުހުން ލިބިފައިނުވާ މިބިމުގައި އަހަރެމެންނަށް ކުރަންޖެހޭ ބުރަމަސައްކަތުގެ އުނދަގުލާއި ވޭނުން މިކުއްޖާ އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދޭނެ.“
‏30 ނޫޙުގެފާނު ލިބުމަށް ފަހު ލާމިކު ފަސްސަތޭކަ ނުވަދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އެހެން ވެސް އަންހެންދަރިންނާއި ފިރިހެންދަރިން އޭނާއަށް ލިބުނެވެ. ‏31 ލާމިކު މުޅިއެކު ހަތްސަތޭކަ ހަތްދިހަ ހަތް އަހަރު ދުނިޔޭގައި އުޅުމަށް ފަހު މަރުވީއެވެ.
‏32 ނޫޙުގެފާނުގެ އުމުރުފުޅުން ފަސްސަތޭކަ އަހަރުގައި އެކަލޭގެފާނަށް ތިން ފިރިހެންދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެތިން ދަރިކަލުންގެ ނަމަކީ ސާމާ އާއި ޙާމާ އާއި ޔާފަޘު އެވެ.